މިއަދު ހަވީރު މާލެ ސަރަހައްދުގައި ހިނގި ނުރައްކާތެރި ކަނޑު އެކްސިޑެންޓެއްގައި އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި އެމްޕީއެލްގެ ޖެޓީއަށް ވަންނަން ދިޔަ ޓަގު ބޯޓެއް ޖެހި، ލޯންޗުގެ ކެޕްޓަނަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 3:30 ހާއިރު އެވެ. އެކްސިޑެންޓްގައި އަނިޔާވި ކެޕްޓަނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި ހާދިސާގައި އެކްސިޑެންޓްވި “މައި އެކްސްޕްރެސް 2” ނަމަކަށް ކިޔާ ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފުލުހުން އާންމުކުރި ފޮޓޯތަކުން ދައްކާ ގޮތުގައި ލޯންޗުގެ އަރިމަތި ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. މީގެ އިތުރުން ލޯންޗުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ކެޕްޓަން ފިޔަވައި އިތުރު އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ދަނީ މި މައްސަލައިގެ ތަހުގީގު ކުރަމުންނެވެ.

