ދުންފަތުގެ އިސްތިޢުމާލު ނުކޮށް ހުރުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ހޯދައިދޭންޖެހޭކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް އދ.ގެ އެކި އެޖެންސީތަކާއި ދިވެހި ބައެއް ޖަމްޢިއްޔާތައް އިސްނަގައިގެން އަރޓިފިޝަލް ބީޗް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ހަރަކާތެއްގައެވެ.
ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މިފަދަ ދުވަހެއްގައި އެންމެ ބޮޑަށް ވިސްނަންޖެހޭ އެއް ކަމަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ސަބަބުން އެހެން މީހުންގެ ކިބައިން ނިގުޅައިގަނެވޭ ޙައްޤުތަކާ މެދުގައި ކަމަށެވެ. “ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ސަބަބުން ގިނަ ބަޔަކު އެ ނުބައި ޢަމަލަށް ހުށައެޅޭ” ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހި ސަރުކާރުން މިހާރު ވަނީ ދުންފަތާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފައެވެ. މިގޮތުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި “ދުންފަތުން މީހުން ދުރުކުރުމަށް ބޭނުންވާ ފަރުވާ ދިނުމަށްޓަކައި މީހުން ތަމްރީންކުރުމާއި އިތުރު މީހުން ދާއިރާއަށް ނެރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން” ނެވެ. އަދި ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް އާސަންދަ ސްކީމްގެ ތެރެއިން ދުންފަތުން ދުރުވުމަށް ބޭނުންވާ ބޭސްފަރުވާ ވަނީ ހަމަޖައްސައިދީފައިކަންވެސް ފާހަގަކުރެއްވިއެވެ.
މި ހަރަކާތުގައި ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ޞިއްހީ ވަޒީރު ދެއްވާ ޚާއްސަ އެވޯޑެއްވެސް ވަނީ ދެއްވާފައެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ.
މިއަހަރުގެ ޝިޢާރަކީ ނިކޮޓިންއާއި ދުންފަތަށް ހިތްޖެއްސުމަށް ވިޔަފާރިތަކުން ބޭނުންކުރާ އުކުޅުތައް ބޭޒާރުކުރުމެވެ. ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން އިސްނަގައިގެން 1988 އިން ފެށިގެން މި ދުވަސް ފާހަގަކުރަމުން އަންނަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ދިމާވާ ޞިއްހީ، އިޖުތިމާޢީ އަދި މާލީ ގެއްލުންތަކާ މެދު ހޭލުންތެރިކޮށް ދުންފަތް ކޮންޓްރޯލްކުރުމަށް ބާރުއަޅައި ވަކާލާތުކުރުމުގެ މަޤްޞަދުގައެވެ.

