ހިތްފަސޭހަ، މަޤުބޫލު އަދި ޝައުޤުވެރި އެތައް މަންޒަރެއް ފެނިގެންދިޔަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނިމުމަކަށް އައިސްފިއެވެ. މި މައުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު މައުރަޒުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވި، އަދި ފަހުގެ ތާރީޚެއްގައި ޢާންމުންގެ އެންމެ ބޮޑު ތަރުޙީބެއް ލިބުނު މައުރަޒެވެ.
މި މަހުގެ 24 ވަނަ ދުވަހު ފެށުނު މި މައުރަޒު ކުރިއަށް ގެންދިޔައީ 31 ވަނަ ދުވަހާ ހަމައަށެވެ. މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. ރައީސުލްޖުމްހޫރިއްޔާ މި މައުރަޒަށް ދެ ރޭ ވަޑައިގެން މައުރަޒުގައި ހުރި އުފެއްދުންތައް ބައްލަވާލެއްވިއެވެ.
މި މައުރަޒުގައި ހުނަރުވެރި އުފެއްދުންތަކާއި، ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކާއި، މިޔުޒިކީ އަދި ސަގާފީ ހުށަހެޅުންތަކުގެ އިތުރުން ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ހިމެނޭ ސްޓޯލްތައް ހުށަހެޅުނެވެ. ކަސަބު ބޯވަޅު އެޅި ލިބާހާއި، ކުރަހަނިކަމާއި، ތިލޭރުކަމާއި، ލިޔެލާ ޖެހުން ފަދަ ދިވެހިވަންތަ މަސައްކަތްތަކުގެ އުފެއްދުންތައް މައުރަޒުގައި ފެނިގެން ދިޔައެވެ.
މައުރަޒުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ބޮޑުބެރު ޗެލެންޖެވެ. ޕީއެސްއެމްއިން ބޮޑުބެރު މުބާރާތެއް ބޭއްވި ފަހުން، މިފަދަ މުބާރާތެއް ބޭއްވުނީ ގިނަ އަހަރުތަކަކަށްފަހުގައެވެ. މީގެ އިތުރުން ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން “ތީމް ޕާކު” އެއްގައި ހުންނަ ފަދަ ކުޅިވަރުތައްވެސް ކުޅެވެން ހުއްޓެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރިތައް ފުޅާކުރުމުގެ މަޤުޞަދުގައި ސަރުކާރުން ބޭއްވި މި މައުރަޒު އިންތިޒާމުކޮށްފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ. “މިފަދަ މައުރަޒެއް ބޭއްވުމުން ދިވެހިންގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން ވަރަށް ކައިރިން ބަލައިލުމުގެ ފުރުޞަތު ފަހިވި” ކަމަށް މައުރަޒަށް ޒިޔާރަތްކުރި ގިނަ ފަރާތްތަކުން ފާހަގަކުރިއެވެ.

