ބެލެނިވެރިންނަކީ ގައުމުގެ ޒުވާން ޖީލު ބައްޓަންކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައި ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ އުފާވެރި ދުޅަހެޔޮ އަދި އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި ބޮޑުވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށާއި، ބެލެނިވެރިންގެ ދުވަހު ޒުވާން އަދި އަލަށް ބެލެނިވެރިއަކަށްވި ފަރާތްތަކުގެ އަގުވަޒަންކުރައްވާކަމަށެވެ. އަދި ބެލެނިވެރިންނަކީ ގައުމުގެ ޒުވާން ޖީލު ބައްޓައްކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތްކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ބެލެނިވެރިންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސްގެ މެސެޖުގައި ދެއްވާފައިވާއިރު، އުފާވެރި ދުޅަހެޔޮ އަދި އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި ބޮޑުވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އަދި އެގޮތުން އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، އެކަމަށް އެކަށީގެންވާ މާހައުލެއް ބިނާކުރުމާއި އަދި ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

