މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިއްޔެ ހަވީރު ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައިފިއެވެ. މި ގުރުއަތުލުން ބޭއްވުނީ އުސްފަސްގަނޑު ސަރަޙައްދުގައި ހަވީރު 2:30 ގައެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން، ބިންވެރިޔާ ސޔާ ސްކީމްގެ ދަށުން ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވާތީ، އައު ލޮޓް ނަންބަރެއް ކަނޑައެޅުމަށްޓަކައި މި ގުރުއަތުލުން ބޭއްވުނެވެ.
ގުޅީފަޅުން ދޫކުރެވޭ ގޯތިތަކުގެ ތަފްޞީލް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެގޮތުން:
- 1250 އަކަފޫޓުގެ 684 ގޯތި
- 1650 އަކަފޫޓުގެ 1242 ގޯތި
- 2050 އަކަފޫޓުގެ 923 ގޯތި
- 2450 އަކަފޫޓުގެ 479 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 22 ގޯތި ދޫކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ގުރުއަތުލުމުގައި ބައިވެރިވި ފަރާތްތަކަށް ގޯތި ލިބުނު ގޮތުގެ މަޢުލޫމާތު ވަގުތުން ހިޔާވެހި ޕޯޓަލްއިން ފެންނަން ހުންނާނެކަމަށާއި، އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިން މެސެޖް ލިބޭނެކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މި އިވެންޓް ޕަބްލިކް ސަރވިސް މީޑިއާ އިން ލައިވްކޮށް ދެއްކިއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރިގޮތުގައި، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާ ގުޅޭ މަޢުލޫމާތު ފަހުގެ ތާރީޚެއްގައި ހިއްސާކުރެވޭނެއެވެ.

