މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކަރަންޓު އިއާދަކޮށްފައިވާއިރު، އިރުއޮއްސުމުގެ ކުރިން ހުރިހާ ސަރަހައްދުތަކަށް ކަރަންޓު އިއާދަކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ އޮފިޝަލުން ހާމަކުރި ގޮތުގައި، މިހާތަނަށް މާލޭގެ 60 އިންސައްތަ ގޭބީސީއަށާއި ހުޅުމާލޭގެ 78 އިންސައްތަ ސަރަހައްދަށް ވަނީ ކަރަންޓު ފޯރުކޮށްދެވިފައެވެ. އަދި ކަރަންޓު ނުލިބި ހުރި ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި އެނަޖައިޒްކުރަންޖެހޭ ޖަނަރޭޓަރުތަކާއި ވިއުގައިގެ ބައިތައް އެނަޖައިޒްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ސްޓެލްކޯއިން “މިވަގުތު އިސްކަންދެނީ ކަރަންޓު ނެތް ސަރަހައްދުތަކަށް ކަރަންޓު އިއާދަކުރުމަށް” ކަމަށް ބުނެފައިވާއިރު، ކަރަންޓު ވިއުގައަށް ދިމާވި މައްސަލަ ދެނެގަތުމުގެ މަސައްކަތް ފަހުން ކުރިއަށް ގެންދާނެ ކަމަށާއި، އެ މައުލޫމާތު އާންމުކުރާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިވަގުތު ކަރަންޓު ނެތީ ހިޔާ އެއްވަނަ ޓަވަރުން ފެށިގެން އަށްވަނަ ޓަވަރާ ދެމެދުގެ ޓަވަރުތަކާއި ވިނަރެސް ފުލެޓުތަކުގައި ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. އަދި މި ސަރަހައްދުތަކަށް ކަރަންޓު އިއާދަކުރުމަށް އެނަޖައިޒްކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
ކަރަންޓު އިއާދަކުރުމުގެ މަސައްކަތް ކުރިއަށްދަނީ ބައިބައަށް ބަހާލައިގެންނެވެ. މިގޮތަށް މަސައްކަތް ކުރިއަށް ގެންދަނީ އެއްފަހަރާ ކަރަންޓު އިއާދަކޮށްފިނަމަ އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެތީއެވެ. ސްޓެލްކޯއިން ބުނާ ގޮތުގައި ވިއުގައިގެ ބާކީ ހުރި ބައިތައް އެނަޖައިޒްކޮށް ނިންމުމަށް ނަގާނީ 45 މިނެޓު ކަމަށް ލަފާކުރެވެއެވެ.

