ގްރޭޓަރ މާލެ ސަރަހައްދުގައި މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ހުޅުމާލެ ކޮޅުން ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި މައްސަލަ ދިމާވެފައިވަނީ ސްޓެލްކޯގައި ތެޔޮ ނެތިގެން ނޫން ކަމަށާއި، ކުންފުނީގައި ބޭނުންވާ ވަރަށް ތެޔޮ ހުރި ކަމަށް ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދިން ގޮތުގައި މައްސަލަ ދިމާވެފައިވަނީ މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މިވަގުތު މާލޭގެ 60 އިންސައްތަ އަދި ހުޅުމާލޭގެ 78 އިންސައްތައަށް ކަރަންޓުގެ ޚިދުމަތް ދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، 132 ނެޓްވޯކް އެނަޖައިޒް ކުރުމުގެ މަސައްކަތް އިންޖިނިއަރުން ކުރިއަށް ގެންދާ ކަމަށާއި، އިރުއޮއްސުމުގެ ކުރިން ކަރަންޓު އެއްކޮށް ރީސްޓޯ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
“މިވަގުތު ހުޅުމާލޭގެ ފޭސް އެކެއްގެ ހުރިހާ ސަރަހައްދުތަކަކަށް ކަރަންޓު ލިބޭނެ. ފޭސް ދޭއްގެ ހިޔާ ޓަވަރު 1 އިން 8 އާ ދެމެދު އަދި ވިނަރެސްގެ ޓަވަރުތައް ފިޔަވައި އެހެން ސަރަހައްދުތަކަށް ޚިދުމަތް ދެވިއްޖެ،” ސްޓެލްކޯގެ ފަރާތުން މަޢުލޫމާތު ދިން އިސް ވެރިޔަކު ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މިހާތަނަށް ބެލި ބެލުމުން ގްރިޑުގެ ބޮޑު މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށާއި، މައްސަލައިގެ އިތުރު ތަފްސީލުތައް ބަލަމުންދާ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

