ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިޔާދަކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ޖަޕާނުގެ ކެނެޑޭވިއާއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މީރުމާ ހޮޓަލުގައި ބޭއްވުނު ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް-މަތީން މުހައްމަދެވެ. އަދި ކެނޭޑިވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޓަކޭޝީ އައިބާއެވެ. މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރާ ޒީރޯ ކާބަން ސޯލާ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލަކު 500 ކިއުބިކް މީޓަރުގެ ފެން އުފެއްދޭނެ ޕްލާންޓެކެވެ. މި ޕްލާންޓަށް ބޭނުންވާ ހަކަތަ އުފެއްދުމަށް 500 ކިލޯވޮޓުގެ ސޯލާ ނިޒާމަކާއި 1450 ކިލޯވޮޓުގެ ބެޓެރި ނިޒާމެއް ޤާއިމްކުރެވޭނެއެވެ.
މި މަޝްރޫޢުގެ ޚަރަދުގެ 46 އިންސައްތަ ހަމަޖައްސާނީ އެމްޑަބްލިއުއެސްސީންނެވެ. އެއީ ކުންފުނީގެ ކޭޝްފްލޯ އާއި ބޭންކް އޮފް މޯލްޑިވްސްގެ ގްރީން ފައިނޭންސިންގ އެހީގައެވެ. އަދި ބާކީ ޚަރަދު ހަމަޖައްސާނީ ޖަޕާން ސަރުކާރާއި ކެނެޑޭވިއާ ކޯޕަރޭޝަނުންނެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ފެނުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، މާލީގޮތުން ދެކޮޅުޖެހޭ ނިޒާމަކަށް ބަދަލުވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ތަންފީޒުކުރެވިދާނެ މަޝްރޫޢުއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީގައި ޤާއިމްކުރެވޭ މި ނިޒާމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަވެ، ދެމެހެއްޓެނިވި ގޮތެއްގައި ފެން އުފެއްދުމުގެ ނިޒާމެއް ޤާއިމްވެގެންދާނެއެވެ.

