މުޅި މާލެއާއި ހުޅުމާލޭގެ އެންމެ ސަރަހައްދަކަށް ފިޔަވައި ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު ފިޔަވައި އެހެން ހުރިހާ ޓްރާންސްފޯމަރެއް މިހާރު ވަނީ އެނަރޖައިޒް ކުރެވިފައި ކަމަށެވެ. އަދި އެ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި ކަރަންޓުގެ ޚިދުމަތް ނުލިބޭ ކަސްޓަމަރެއް ހުރިނަމަ އެ ކުންފުނީގެ އެމަރޖެންސީ ނަންބަރު 104 އަށް ގުޅުމަށް އަންގާފައިވެއެވެ.
މިއަދު މެންދުރު ހުރިހާ ޖެނެރޭޓަރެއް ނިވިގެން މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ޚިދުމަތްތަކެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.
މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ. އަދި މި މައްސަލަ ތަޙުޤީޤު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ވަނީ ފަށައިފައެވެ.

