ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ އާންމު ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ސަރުކާރުން އިޢުލާނު ކޮށްފައިވާ ހިޔާވެހި ސްކީމަށް 2256 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، ކުދި ރަށްތަކަށް ޚާއްސަ “ރަށްވެހި” ސްކީމަށް 1329 ފޯމު، އަރބަން ސެންޓަރުތަކަށް ޚާއްސަ “ސަހަރު” ސްކީމަށް 586 ފޯމު އަދި ފުރަމާލެއަށް ޚާއްސަކޮށްފައިވާ “ފަހިމާލެ” ސްކީމަށް 341 ފޯމު ހުށަހަޅާފައިވެއެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
ސަރުކާރުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި، މި ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާތާ 3 މަސްދުވަހުގެ ތެރޭގައި ލޯނު ދޫކުރަން ފަށާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި ސްކީމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ޚާއްސަ ކުރައްވާނެ ކަމަށެވެ.
ސަރުކާރުން 1 ބިލިއަން ރުފިޔާ ބޭންކުތަކަށް އިންވެސްޓް ކުރި ނަމަވެސް، ބޭންކުތަކުން ލޯނު ދޫކުރާއިރު ޖުމްލަ 2 ބިލިއަނާ ހަމައަށް ލޯނު ދޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މި ސްކީމްގެ ތެރެއިން، މުޅިން އަލަށް ގެދޮރު އިމާރާތްކުރާ މީހުންނަށާއި، ގެދޮރު މަރާމާތު ކުރުމުގެ މަސައްކަތަށްވެސް މާލީ އެހީތެރިކަން ހޯދޭނެއެވެ.
ހިޔާވެހި ފައިނޭންސިން ސްކީމަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންގ އެކެވެ. މިއީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން 5 އިންސައްތަ ފައިދާގައި ކުރިއަށްގެންދާ ސްކީމެކެވެ.

