ސަޢުދީ ޢަރަބިއްޔާގައި 48 ވަނަ ފަހަރަށް ބާއްވާ ގްރޭންޑް ޙައްޖު ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ. މި ސިމްޕޯޒިއަމްގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރާއި އެކި ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
ދިވެހިރާއްޖެ ތަމްސީލުކުރައްވަމުން މި ސިމްޕޯޒިއަމްގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ރައީސް އުސާމް މުޙައްމަދެވެ. 1977 ވަނަ އަހަރު ފެށުނު މި ސިމްޕޯޒިއަމް ކުރިއަށްގެންދަނީ ސަޢުދީ އަރަބިއާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިންނެވެ.
މި އަހަރުގެ ސިމްޕޯޒިއަމްގައި މީޑިއާތަކަށް ޚާއްސަ ކޮށްގެން މީޑިއާ އެވެއާނަސް ސެޝަންއަކާއި ޙައްޖު މިޝަންތަކުގެ ޑޮކްޓަރުންނަށް ޚާއްސަ ކޮށްގެން ހެލްތު ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން 1000 ޙައްޖާޖީން މިހާރު ވަނީ ސަޢުދީ އަރަބިއާއަށް ވަޑައިގެންފައެވެ. އެންމެ ފަހު ގްރޫޕް ސަޢުދީ އަރަބިއާއަށް ވަޑައިގެންފައިވަނީ ހުކުރު ދުވަހުއެވެ.
މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖާޖީންނަށް ވަނީ މިހާތަނަށް ލިބިފައިނުވާ ފަދަ ގިނަ ލުއިފަސޭހަތަކެއް ލިބިފައެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު، އެއަރޕޯޓުން ސީދާ މައްކާއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހި، ޤައުމީ އެއަރލައިންގައި 50 އިންސައްތަ ޙައްޖުވެރިން ދަތުރުކުރުމުގެ އިތުރުން، މައްކާއިން މަދީނާއަށް ކުރާ ދަތުރު ޚާއްސަ ޓްރެއިނުގައި ކުރެވޭގޮތް ވަނީ ހަމަޖެހިފައެވެ. މި ބަދަލާއެކު ކުރިން 8 އިން 10 ގަޑިއިރު ހޭދަވި ދަތުރު މިހާރު ކުރެވޭނީ އެންމެ 3 ގަޑިއިރުންނެވެ.

