ލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން މިހާތަނަށް ފައިގައި ޓެގް އެޅުވުމަށްފަހު ދޫކޮށްލާފައިވާ ތިން މީހުންނަކީވެސް މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގައި ތިބި މީހުންކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ބުދަ ދުވަހު ހާމަކުރެއްވި ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބަންދަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއި ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ގޮތުން މިހާތަނަށް ތިން މީހެއްގެ ފައިގައި ޓެގް އަޅުވާފައި ދޫކޮށްލާފައިވާއިރު، އިތުރު މީހުން ދޫކޮށްލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރުތަކުން އެނގޭ ގޮތުގައި، މިހާތަނަށް ދޫކޮށްލެވުނު ތިން މީހުންނަކީ
- ތ. ގުރައިދޫ އަތަމާވިލާ މުޙައްމަދު ނަމީން،
- ށ. މިލަންދޫ ނަސީމީވިލާ މުޙައްމަދު ނާޖިހު
- މ. ބަދުރު އިބްރާހިމް ރަޝާދު.
މި ތިން މީހުންގެ ތެރެއިން ނަމީންއާއި ނާޖިހަށް ތުހުމަތުކުރެވެނީ ކެނަބިސް ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ކުށުގައެވެ. އަދި ރަޝާދަށް ތުހުމަތުކުރެވެނީ ޑައިމޯފިން ޓްރެފިކްކޮށް، ކެނެބިސް ބޭނުންކުރުމުގެ ކުށުގައެވެ.
މި ތިން މީހުންވެސް ދޫކޮށްލެވިފައިވަނީ 100 ދުވަހުގެ މުއްދަތަށް ޓެގު އަޅުވައިގެން، ދައުލަތުން ކަނޑައަޅާފައިވާ ޝަރުތުތަކަށް އެއްބަސްވުމަށްފަހުގައެވެ. މި ޝަރުތުތަކުގެ ތެރޭގައި ކޯޓަށް ހާޒިރުވުމާއި، ރަށުން ބޭރަށް ނުދިއުމާއި، ރޭގަނޑު ވަކި ގަޑިތަކެއްގައި ގޭގައި ހުރުން ހިމެނެއެވެ.
މި ނިޒާމުގެ ދަށުން ބަންދަށް ލުއި ދެވޭނެ ފަރާތްތައް ކަނޑައަޅަނީ ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ބިނާކޮށެވެ. ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނަށް މި ނިޒާމުގެ ދަށުން ލުޔެއް ނުދެވޭނެކަން ފާހަގަކޮށްފައިވެއެވެ.
އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމު ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމާއި، ބަންދުގައި ތިބޭ މީހުންނަށް ލިބިދޭ ވަސީލަތްތައް ރަނގަޅުކޮށް، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ހައްލެއް ހޯދުމެވެ.

