މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުރުގައި މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ކުރެއްވުމަށް އެގައުމުގެ ސަރުކާރުން ދަނީ ވިސްނަމުންނެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ ހައި-ލެވެލް ކޯ ގުރޫޕުގެ ބައްދަލުވުމަށް، ދާދި ފަހުން އިންޑިއާ އަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން، މިނިވަން ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވުމަށް މޯދީއަށް ރަސްމީ ދައުވަތު އަރުވައިފައެވެ.
މޯދީގެ އެ ދަތުރުފުޅުގެ ސީދާ ތާރީހެއް އަދި މުޅިން ފައިނަލް ނުވެއެވެ. އެކަމާ ގުޅޭގޮތުން ރާއްޖޭގެ އިތުރުން އިންޑިއާ ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

