އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތީން ހުރިހާ ރަށެއްގައި ވެސް ޢީދު ފާހަގަ ކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން މިއަދު އިލްތިމާސް ކޮށްފިއެވެ.
މިއަދު ނެރުނު ނޫސްބަޔާނެއްގައި ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި، އަޟުޙާ ޢީދަކީ ދިވެހި ޤައުމާއި މުޅި އިސްލާމީ އުންމަތަށް އަންނަ ވަރަށް މަތިވެރި އަދި އުފާވެރި މުނާސަބަތެކެވެ. އަދި ދިވެހީންނަކީ ޒަމާނުއްސުރެ ވަރަށް ކުލަގަދަ ގޮތެއްގައި އަޟުޙާ ޢީދު ފާހަގަ ކުރަމުންދާ ބައެއްކަން ފާހަގަކޮށްފައިވެއެވެ.
ނޫސްބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޢީދު ފާހަގަކުރުމުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންނަ އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެ، ޢިޖްތިމާޢީ ގުޅުން ބަދަހިވެ، ދިވެހީންގެ ސަޤާފަތާއި އާދަކާދަ ތަމްސީލުވެގެންދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ހަމަތަކުގެ ތެރޭގައި ޢީދު ފާހަގަ ކުރުމާއި ދިވެހި ކުދިބޮޑު އެންމެން ޢީދުގެ އުފަލުގައި ބައިވެރިވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އިސްލާމީ އުޞޫލުތަކާއި ޙުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ރަށެއްގައި ވެސް ޢީދުގެ ކުޅިވަރުތަކާއި ޙަރަކާތްތައް ރާވާ ހިންގުމަކީ ސަރުކާރުން ތަރުޙީބުދޭ ކަމެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި އަހަރުގެ އަޟުޙާ ޢީދު ފާހަގަ ކުރުމުގައި އިސްލާމީ ތަރަހައިގެ ތެރޭގައި، އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތީން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލު ކުރެއްވުމަށް އިލްތިމާސްކޮށް، ޢީދު ފާހަގަ ކުރުމުގެ ކަންކަން ރާއްޖޭގެ ސިޓީތަކާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދަނި ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައިކަން ކަށަވަރު ކުރެއްވުމަށް ދައުލަތުގެ ގުޅުންހުރި ހުރިހާ މުޢައްސަސާތަކަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

