ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ފިލައިގެން އުޅޭތީ، އޭނާ ހޯދުމަށް އެ މީހާގެ ފޮޓޯއާއި އަދި ވަނަވަރު ހިމަނައިގެން ސޯޝަލް މީޑިއާގައި މިއަދު މަޢުލޫމާތުތަކެއް އާންމުކޮށްފި އެވެ.
އެ ބިދޭސީ މީހާ މަސައްކަތްކުރާ ފެކްޓަރީގެ މުވައްޒަފެއްގެ މަޢުލޫމާތުގައިވާ ގޮތުން، އެއީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދިރިއުޅެމުން އަންނަ ބަންގްލަދޭޝްގެ 31 އަހަރުގެ މީހެކެވެ. މިހާރު އޭނާ މަސައްކަތްކުރަމުން އަންނަނީ ވިލިމާލޭގައި ހުންނަ ފެކްޓަރީއެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިދޭސީ މީހާގެ ގައިގައި ބައްޔެއް ހުރިކަން އެނގުނީ ވިސާ އާކުރުމަށް މެޑިކަލް ޓެސްޓު ހެދުމުންނެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅާފައި އަންގާފައިވަނީ އޭނާގެ ގައިގައި ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ ކުންފުނިން ވަނީ ބިދޭސީ މީހާ ބޭސްފަރުވާއަށް އޭނާގެ ގައުމަށް ފޮނުވާލަން ނިންމާފައެވެ. އެގޮތުން މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދިއުމަށް ވިލިމާލޭ ފެރީއަށް އަރާފައިވާ ކަމަށް މުވައްޒަފު ބުނެފައިވެއެވެ. ނަމަވެސް އޭގެ ފަހުން އެޗްޕީއޭ އިން ގުޅައި އަންގާފައިވަނީ އެ ބިދޭސީ މީހާ ރާއްޖެއިން ބޭރުނުވާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނެފައިވަނީ ބަލި މީހުންގެ ޒާތީ މަޢުލޫމާތުތަކަކީ ސިއްރެއް ކަމަށެވެ. އަދި އިމިގްރޭޝަނުން ބުނެފައިވަނީ މިފަދަ މައްސަލައެއް އެ އިދާރާއާ ހަމައަށް އަދި ލިބިފައިނުވާ ކަމަށެވެ. އެ ބިދޭސީ މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ 7478833 ނަންބަރާ ގުޅުމަށް ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓުގައި އެދިފައިވެއެވެ.

