ދިވެހި ހައްޖާޖީންނަށް ޖަހަންޖެހޭ ވެކްސިންތަކާއި ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް އިއުލާންކުރެއްވީ މިއަދު ހަވީރު މައްކާގައި ދިވެހި ހައްޖުވެރިންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެންވެސް ހައްޖަށް ދިއުމަށް ބޭނުންވާ މެޑިކަލް ޚިދުމަތްތައް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެއެވެ. އަދި ހައްޖަށް ދިއުމަށް ބޭނުންވާ ވެކްސިންތައްވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ހައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް” ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ހައްޖުވެރިންނާ ވަރަށް ގާތުން އިސްލާމިކް މިނިސްޓްރީ އަދި ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ ހައްޖު މޫސުމަށް ސައުދީ ސަރުކާރުން ކޮށްދެއްވާފައިވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖާޖީންނަށް ލިބިފައިވާ ލުއިފަސޭހަ އިންތިޒާމުތަކާއި، މިނާގައި ތިބުމުގެ އިންތިޒާމުތައް އަޕްގްރޭޑް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަށް ޚާއްޞަ ކްލިނިކެއް ގާއިމުކޮށްދެއްވާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން 1000 ހައްޖާޖީން ދަތުރުކޮށްފައިވާއިރު، ރައީސް މުއިއްޒުގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ ދެކަނބަލުންވެސް ބައިވެރިވެ ވަޑައިގެން، ވަކިވަކި ހައްޖާޖީންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ސައުދީ ސަރުކާރުން ދިވެހިންނާމެދު ދެކެނީ ވަރަށް ގާތްކޮށް، ވަރަށް އުޚުއްވަތްތެރިކޮށް، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައިކަން ފާހަގަކުރައްވައި، އެކަމަކީ ދިވެހިން އުފާކުރަންވާނެ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

