މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ އައު ޓެރިފް ރޭޓްތަކަށް ކަމަށެވެ. އަދި މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އައު ޓެރިފް ރޭޓްތަކުގެ ތަފްސީލު
އައު ޓެރިފް ރޭޓްތަކުގެ ދަށުން، 0-100 ޔުނިޓަށް މިހާރުގެ 1.50 ރުފިޔާގެ ބަދަލުގައި 1.25 ރުފިޔާ ނެގޭނެއެވެ. އަދި 101-200 ޔުނިޓަށް 1.70 ރުފިޔާގެ ބަދަލުގައި 1.50 ރުފިޔާ ނެގޭނެއެވެ. އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ 201-400 ޔުނިޓުގެ ބޭންޑަށެވެ. މި ބޭންޑުގައި ކުރިން 2.15 ރުފިޔާ އާއި 2.50 ރުފިޔާ ނަގަމުން އައި ނަމަވެސް، މިހާރު ނަގާނީ 1.50 ރުފިޔާއެވެ.
މީގެ އިތުރުން، 401-500 ޔުނިޓަށް 2.95 ރުފިޔާގެ ބަދަލުގައި 2.66 ރުފިޔާ، 501-600 ޔުނިޓަށް 3.55 ރުފިޔާގެ ބަދަލުގައި 3.25 ރުފިޔާ، އަދި 600 ޔުނިޓަށްވުރެ މަތިން 4.25 ރުފިޔާގެ ބަދަލުގައި 3.83 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ގޭބިސީތަކުގެ ކަރަންޓު ބިލުގެ ޓެރިފް ރޭޓް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުން އިއުލާންކުރެއްވީ މެއި 30 ވަނަ ދުވަހުއެވެ. އަދި ސަރުކާރުން ވަނީ މިދިޔަ ދެ ރޯދަ މަހުވެސް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފައެވެ

