މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި، ރީފްސައިޑް، އުމުރުން ރިސްވާން އިބްރާހިމް އާއި އދ. މާމިގިލި، ވިލެޖް، 28 އަހަރުގެ އަޙްމަދު ފިރުޝާން އާއި އދ. މާމިގިލި، ރޯޅި، 27 އަހަރުގެ މުޙައްމަދު ޝަހުދު އާއި އދ. މާމިގިލި، ކުވައިތު، 34 އަހަރުގެ މުޙައްމަދު މަޙްމޫދު އަދި އދ. މާމިގިލި، އެވަރެސްޓް، 39 އަހަރުގެ ޢަލީ ޝާނީޒެވެ.
ފުލުހުންގެ ހިންގި މި އޮޕަރޭޝަނުގައި އެ ފަސް މީހުން ހައްޔަރުކޮށް އެމީހުންނާ ގުޅިގެން 7 ތަނެއް ބަލައިފާސްކުރިއިރު، 9.68 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިސްވާން އިބްރާހިމް އާއި މުޙައްމަދު މަޙްމޫދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި އަޙްމަދު ފިރުޝާން އާއި މުޙައްމަދު ޝަހުދުގެ އިތުރުން ޢަލީ ޝާނީޒް ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލަ އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

