ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބައިސްކަލް ދުއްވުން ތަޢާރަފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ބައިސްކަލް ދުއްވުމުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވެފައިވަނީ، ބައިސްކަލަކީ ތިމާވެއްޓާ ރައްޓެހި އުޅަނދެއް ކަމަށާއި، އެހެންކަމުން ރާއްޖޭގެ ހުރިހާ ސިޓީތަކަށް، މި ޚަރަދު ކުޑަ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމް ތަޢާރަފް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރަށްވަމުން ގެންދަވާ ކަމަށެވެ.
"ސިޓީތައް މިވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައި. އަޅުގަނޑުމެންގެ ދަތުރުފަތުރުގެ ނިޒާމުތަކާމެދު އަލުން ވިސްނަން ޖެހޭ ވަގުތު މިވަނީ އައިސްފައި" ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ހުރިހާ ސިޓީއަކަށް ބައިސްކަލް ތަޢާރަފް ކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ރައީސް ހާމަކުރެއްވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް މިފަދަ މަޝްރޫޢެއް ކުރިއަށް ގެންދިއުމުން ސިޓީތަކުގެ ތޮއްޖެހުން ކުޑަވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮންމެ އަހަރެއްގެ ޖޫން 3 ވަނަ ދުވަސް ފާހަގަ ކުރަމުންދަނީ ބައިނަލްއަގުވާމީ ބައިސްކަލް ދުއްވުމުގެ ދުވަހުގެ ގޮތުގައި ކަމަށްވާއިރު މި ދުވަހާ ގުޅިގެން ރައީސް މިވަނީ ގައުމަށް ފައިދާކުރަނިވި ތިމާވެށްޓަށް މުހިންމު ކަމެއްގެ ވާހަކަ ހިއްސާ ކުރައްވާފައެެވެ.

