ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ސެޕްޓެމްބަރު މަހު ބޭއްވުމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ނިންމައިފިއެވެ.
ކޮންމެ އަހަރަކު ކުރިޔަށްދާ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
3 ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ބައިތަކަކީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ.
ޙާފިޒުންގެ ބައިގައި ބައިވެރިވެވޭނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން މުޅި ޤުރުއާން ހިތުދަސް ބައިވެރިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭ ކޮންމެ މުއައްސަސާއަކަށްވެސް މި ބައިގައި ބޭނުން ޢަދަދަކަށް ހާފިޒުން ބައިވެރި ކުރެވިދާނެއެވެ. އަދި އަމިއްލަ ގޮތުންވެސް ބައިވެރިވެވޭއިރު މިބަޔަށް ޙާފިޒުކަމުގެ ސަނަދު ހުށަހަޅަން ޖެހެއެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕާއި ހާފިޒުންގެ ގޮފި އޮންނާނެއެވެ. މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

