މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް “ރައްކާ ކެމްޕެއިން”ގެ ނަމުގައި ކުރިއަށްގެންދާ ޚާއްސަ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ތިން ކުންފުންޏަކާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)، އުރީދޫ މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސްއާ އެކުގައެވެ. މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި، މި ޕްރޮގްރާމްގެ ދަށުން މިއަހަރު ރާއްޖޭގެ ދެ ސަރަޙައްދެއްގައި “ރައްކާ”ގެ ޝޯވް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. “މިމަހުގެ 17 އިން ފެށިގެން މުޅި ށ. އަތޮޅު ހިމެނޭހެން ރައްކާގެ ހަރަކާތްތަކެއް ކުރިޔަށްގެންދާނެ، އަދި މިއަހަރުގެ ފަހުކޮޅު ގއ. ވިލިނގިލި އަދި މުޅި އެ އަތޮޅުގައިވެސް ރައްކާގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި” ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްތަކާއި، ފަހި ރާސްތާ ޕްރޮގްރާމް، ޓެކްސީ ޑްރައިވަރުންނަށް ހިންގާ ޕްރޮގްރާމްގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ކުދި ރޯޑްޝޯވްތަކާއި، ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
“ރައްކާ ކެމްޕެއިން” އަކީ 2014 ވަނަ އަހަރުން ފެށިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ފުލުހުން އަންނަނީ މާލެއާއި އަތޮޅުތެރޭގައިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ.

