ޖާހް އިންވެސްޓްމަންޓުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހައުސިންގ ޕްރޮޖެކްޓް “ދަ ގާޑަންސް” ގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފިއެވެ.
2017 ވަނަ އަހަރު ޖާހް އިންވެސްޓްމަންޓްސްއިން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި މި މަޝްރޫއު ނިންމުމަށް އެޗްޑީސީން ވަނީ އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައެވެ. ނަމަވެސް މަޝްރޫއު ނުނިމި ލަސްވަމުން ދިއުމާ ގުޅިގެން، 45 ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު އެޗްޑީސީ އާއި ޖާހާ ދެމެދު ވެފައިވާ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ޢިމާރާތްކުރެވޭ ފްލެޓްތަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން މަޝްރޫއު ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް މި އަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަ ގާޑަންސް ޕްރޮޖެކްޓްގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އާރްސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. މި މަސައްކަތް އާރްސީސީއާ ހަވާލުކުރުމާއެކު، މަޝްރޫއުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިމި، ފްލެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

