ރަސްމީ ޙުއްދައެއް ނެތި ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ވަނުމަށް މަސައްކަތް ކުރި 269،000އަށްވުރެ ގިނަ މީހުން ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހުއްޓުވާފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.
ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޙުއްދަނެތި ޙައްޖުގެ އަޅުކަން އަދާ ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ މީހުންނާއި ބޭރު ޤައުމުތަކުގެ މީހުން ހިމެނެއެވެ. މިފަދަ ފަރާތްތަކާ ދެކޮޅަށް 5000 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ކުރެވޭނެ ކަމަށާއި، ބޭރު މީހުން ޑީޕޯޓްކުރެވޭނެ ކަމަށް އެ ވުޒާރާއިން އިންޒާރު ދީފައިވެއެވެ.
މިހާތަނަށް ޙައްޖާގުޅޭ ޤަވާއިދުތަކާ ޚިލާފުވުމުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 23،000 މީހަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކަމަށާއި، ޙައްޖުގެ ޚިދުމަތްތައް ފޯރުކޮށްދޭ 400 ކުންފުންޏެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.
ދާޚިލީ ވުޒާރާގެ ލެފްޓިނެންޓް ޖެނެރަލް މުޙައްމަދު އަލް-ޢުމަރީ ވިދާޅުވި ގޮތުގައި، މައްކާގައި ދިރިއުޅޭ މީހުންނަށް ވެސް ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ޚާއްޞަ ޙުއްދައެއް ހޯދަން ޖެހެއެވެ. އަދި ޤަވާއިދާ ޚިލާފަށް ޢަމަލު ކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނީ ސަޢުދީ ޢަރަބިއްޔާއިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ވަގުތު މައްކާގައި 1.4 މިލިޔަން ޙައްޖުވެރިން ތިބިއިރު، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިތުރު ޙައްޖުވެރިން އެ ސަހަރަށް އަންނާނެ ކަމަށް ބެލެވެއެވެ. ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަމުންދާއިރު، މުޤައްދަސް ސަރަޙައްދުތަކުގައި ކަންކަން ހިނގަމުންދާ ގޮތް ބެލުމަށް ޑްރޯންތަކުގެ ބޭނުން ކުރަމުންދެއެވެ.

