ދިވެހި ހައްޖުވެރިން މިރޭ މިނާއަށް ދިއުމަށް ދަތުރު ފަށާނެ ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ. އެ ވުޒާރާއިން ދެއްވި މައުލޫމާތުގައި، ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް ވިދާޅުވިއެވެ.
“އެންމެހައި ހައްޖުވެރިންގެ ހާލު ވެސް ރަނގަޅުކަމުގައި ދިވެހި ހައްޖު މިޝަންއިން މައުލޫމާތު ދެއްވާ. ދިވެހި ހައްޖުވެރިންނަށް ޓަކައި ހައްޖު ކޯޕަރޭޝަނުން މިނާގައި ވަނީ ފުރިހަމަ އިންތިޒާމްތަކެއް ކޮށްފަ،” އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1،000 ހައްޖުވެރިން ވަނީ ސައުދީ އަރަބިއާއަށް ވަޑައިގެންފައެވެ. މި އަހަރުގެ ހައްޖު މޫސުމުގައި “މައްކާ ރޫޓް އިނިޝިއޭޓިވް” ގެ ދަށުން ހައްޖުވެރިންނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ވަނީ ލިބިފައެވެ.
މި އިނީޝިއޭޓިވްގެ ދަށުން، ހައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން، ސައުދީ އަރަބިއާ އަދި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އެންމެހައި ކަންކަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނިންމާލެވިފައިވެއެވެ. މީގެ ސަބަބުން ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުރުވެގެން ގޮސްފައިވެއެވެ. އަދި ހައްޖުވެރިންނަށް އެއާޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމާއި، ލަގެޖްތައް ސީދާ ހޮޓަލަށް ފޯރުކޮށްދިނުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.
“މައްކާ ރޫޓް އިނީޝިއޭޓިވް” ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.

