ނ. ހޮޅުދޫ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޗާންދަނީ މަގުގައި ކާރބް ސްޓޯން ޖެހުމާއި މުހައްމަދު ރާޝިދު ހިނގުމުގައި ބެކް ފިލިންގްގެ މަސައްކަތް ކަމަށް އާރުޑީސީން މައުލޫމާތު ދީފައިވެއެވެ.
2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އާރުޑީސީއާ ހަވާލުކުރެވުނު މި މަޝްރޫއަށް ސަރުކާރުން 71 މިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް އޭރު ވަނީ ހާމަކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ހޮޅުދޫގެ 3.4 ކިލޯމީޓަރުގެ މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ތާރު އެޅުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މަޝްރޫއު ފެށުމަށްފަހު ވަކި ހިސާބަކުން މަސައްކަތް ހުއްޓިފައިވީ ނަމަވެސް، މިދިޔަ ޑިސެމްބަރު މަހު އާރުޑީސީން ވަނީ ހޮޅުދޫ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށާފައެވެ. މި މަޝްރޫއު ނިމުމުން ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ކަމަށް ބެލެވެއެވެ.

