ލ. ގަން ކައިރީގައި އޮންނަ "މަހަކަންފުށި" ނަމަކަށް ކިޔާ ފަޅު ރަށް ކައިރިއަށް މަސް ހިފަން ފައިބާ އުޅުނު ފިރިހެނަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހަކު ގެއްލިގެން މިއަދު ހެނދުނު 09:50 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
މަރުވެފައި އޮއްވާ ފެނުނީ އަބުދުލްސަމަދު މުހައްމަދު ކިޔާ ގަމު ތުނޑީ އަވަށު މީހެކެވެ. ސަމަދަކީ އުމުރުން 60 އަހަރުން މަތީގެ މީހެކެވެ.
ގަމު ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ މިއަދު ހެނދުނު ބަޔަކާ އެކުގައި މަހަކަންފުށި ކައިރިއަށް، ދާ ޖަހަގެން މަސް ހިފަން ދިޔަ އަބުދުލްސަމަދު މުހައްމަދު (ސަމަދު) ތުނޑީ، ފެސްފަރީ ލ. ގަން، ގެެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ފަހުން މަޢުލޫމާތު ލިބިފައިވަނީ، އެ މީހާ ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، މޫސުން ވެސް ގޯސް ދުވަސްވަރެކެވެ.

