ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް އައްޔަންކުރުމަށް، ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި ރުހުންދީފިއެވެ.
ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ މިދިޔަ ހޯމައިގައެވެ. އެ ދުވަހު އެ މައްސަލަ ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
އެދެބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރުހުންދޭން ނިންމެވީ، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމު ހުސްވީ، ރައްޔިތުންގެ މަޖިލީހުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމުގެ ސަބަބުންނެވެ.
މަޖިލީހުން އެ ދެ ބޭފުޅުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ.

