އާބަން ފާމިންގެ ދެވަނަ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ، މިއަދު ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.
މި މަޝްރޫޢަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ޔޫ.އެން.ޑީ.ޕީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން “ކޮމިއުނިޓީ އަރބަން ފާމިންގ” ގެ ނަމުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ “ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް” (ސީޑްސް) މަޝްރޫޢުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމެވެ. މީގެ ތެރެއިން ދަނޑުވެރިންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ފޯރުކޮށްދިނުމާއި، އެކަށީގެންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް މަގުފަހިވެ، ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ އާމްދަނީއެއް ހޯދުމުގެ ފުރުސަތު ދަނޑުވެރިންނަށް ލިބިގެންދާނެއެވެ.

