އަޟްހާ އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި، މި އަހަރުގެ އަޟްހާ އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އީދު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 18:00 އަށް މާލެ ސަރަހައްދުގެ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަަމަށެވެ.
ހަމައެއާއެކު، އެމެޖެންސީ ޙާލަތުގައި އެ ގަޑީގައި ދަތުރުކުރަން ޖެހިއްޖެނަމަ، ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާއެއް މި ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) އިން ހުކުރު ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00 އިން 15:45 އަށް ދޫކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށާއި މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އީދު ދުވަސް ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައި، އާއިލާތަކަށް ހަވީރުގެ ވަގުތުތަކުގައި ފަސޭހަކަމާއިއެކު މަގުމަތީގައި އުޅުމުގެ ފުރުސަތު ދިނުމަށްޓަކައި އާންމުގޮތެއްގައި މާލެ ސަރަހައްދުގެ މަގުތައް ބަންދުކުރެއެވެ.

