އަހަރުގެ މިހާތަނަށް ކޮވިޑް-19 ގެ 107 ކޭސް އަދި އިންފްލުއެންޒާގެ 128 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.
އަހަރުގެ މިހާތަނަށް އެކި ބަލިތައް ޖެހިފައިވާ އަދަދުތައް ހާމަކުރަމުން އެ ވުޒާރާއިން ވިދާޅުވެފައިވާގޮތުގައި އަރިދަފުސް ރޯގާގެ 8،157 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު، މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށާއި މިދިޔަ އަހަރުގެ މި ދުވަސްވަރު ރިޕޯޓްކޮށްފައިވަނީ އަރިދަފުސްގެ 4،794 ކޭހެވެ.
މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކުރަމުންދަނީ އިންފްލުއެއްޒާ އާއި ކޮވިޑް ކަމަށާއި މި ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެހެންނަމަވެސް، މި އަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު 2024 ވަނަ އަހަރުގެ މި ދުވަސްވަރާއި އަޅާ ބަލާއިރު ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، 2024 ވަނަ އަހަރުގެ މެއި މަހު ޑެންގޫގެ 675 ކޭސް ރިޕޯޓްކޮށްފައިވާއިރު މި އަހަރު މެއިގައި ރިޕޯޓްކޮށްފައިވަނީ 116 ކޭހެވެ.
ޑެންގީ ހުން ޖެހިގެންވެސް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. މީގެ އިތުރުން ރ، ކ އަދި އއ އަތޮޅުން ކަމަށް ވެސް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ.
ރޯގާތަކާއި އެކި ބަލިތަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

