އަގުހެޔޮ ކުރި ޓެރިފް ރޭޓާއެކު ކަރަންޓު ބިލް ބޮޑު ކަމަށް ފެންނަނީ ޑިސްކައުންޓްދީފައިވާ ބިލްތަކާ އަޅާކިޔާތީ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ގޭބިސީތަކުގެ ކަރަންޓު ބިލުގެ ޓެރިފް ރޭޓް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮ ރޭޓްގައި ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. މި ނިންމެވުން ރައީސް އިއުލާން ކުރެއްވީ މެއި 30 ވަނަ ދުވަހުއެވެ.
ސްޓެލްކޯގެ ފަރާތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، “އަގުހެޔޮ ކުރި ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ” ކަމަށެވެ.
އައު ޓެރިފް ރޭޓާއެކު ކަރަންޓު ބިލަށް އައިސްފައިވާ ހަގީގީ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ ތިން ބިލްގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާ އަޅާކިޔުމުން ކަމަށް ސްޓެލްކޯއިން ފާހަގަކުރެއްވިއެވެ. މި ތިން ބިލަކީ ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ ދެ ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލެވެ.
“އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަގު ސާފުވާނެ” ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

