ކަރަންޓު ބިލާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ ސްޓެލްކޯގެ ކޯލު ސެންޓަރ ނަންބަރު 1545 އަށް ގުޅާލުމަށް އެ ކުންފުނިން މިއަދު އެދިއްޖެއެވެ.
މިކަން ސްޓެލްކޯއިން އިއުލާނުކޮށްފައިވަނީ، ސަރުކާރުން ކަނޑައެޅި އައު ޓެރިފް ރޭޓުތަކުގެ ދަށުން މިދިޔަ މަހުގެ ކަރަންޓު ބިލުތައް މާބޮޑުކަމަށް ބުނެ، އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް އަންނަމުންދާތީއެވެ.
ސްޓެލްކޯއިން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ކަރަންޓު ބިލާ ގުޅޭ މައުލޫމާތު ހޯދުމަށް ނުވަތަ ބިލުތަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ، ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރ ހޮޓްލައިން 1545 އަށް ގުޅުމުގެ އިތުރުން، ސްޓެލްކޯ ކެއަރގެ ޚިދުމަތް އޮންލައިންކޮށް ހޯދުމަށް ކިއުއާރު ކޯޑު ސްކޭންކުރެވޭނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ގޭބިސީތަކުގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކުރިކަން ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ވަނީ އިއުލާނު ކުރައްވާފައެވެ. ނަމަވެސް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ބިލުތައް ބޮޑުވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސްޓެލްކޯއިން މިހާރު ވަނީ ބިލުތަކާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އަދި ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތްތައް ތަނަވަސްކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.

