ދިވެހި ހުރިހާ ޙައްޖުވެރިންގެ ހާލު ރަނގަޅު ކަމަށާއި އަދި މިރޭ ޢިޝާ ނަމާދަށްފަހު ޢަރަފާތް ބިމަށް ދަތުރުކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އާންމުކުރެއްވި މެސެޖެއްގައެވެ.
ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ވަގުތު ދިވެހި ޙައްޖުވެރިންގެ ތެރޭގައި ހާލުބޮޑު ބަލި މީހަކު ނެތެވެ. ހުރިހާ ޙައްޖުވެރިން ވެސް ރޭގެ ވަގުތެއްގައި މިނާއަށް ގޮސްފައިވާއިރު، މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ރަނގަޅު އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ.
ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތުގައި މަޑުކުރުމަށް ޙައްޖުވެރިން މިނާއިން ދަތުރުކުރާނެއެވެ. ޙައްޖުމަހުގެ 09 ވަނަ ދުވަހު ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާއިރު، އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.
ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކޮށް، އެއަށްފަހު ބޮޑުޖަމްރާއަށް ހިލައުކުމާއި ހަދްޔު ކަތިލުން ކުރިއަށް ގެންދާނެއެވެ. މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށް ފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ.
ޙައްޖުގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމާނެއެވެ. ފާހަގަކޮށްލެވޭ ކަމަކީ މި އަހަރު ރާއްޖެއިން 1000 މީހުން ޙައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާއަށް ދަތުރުކޮށްފައިވާ ކަމެވެ.

