މެދު ރާއްޖޭގެ ބައެއް ރަށްތަކުގެ ތެރެއިން ޅ. ހިންނަވަރާއި ދ. ކުޑަހުވަދޫގެ މަގުހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މަޢުލޫމާތު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އާރްޑީސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި ކުޑަހުވަދޫގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މިވަގުތު ކުރިއަށްދަނީ އެރަށުގެ އޯކިޑް މަގުގައި ދުވާރު ހެދުމުގެ މަސައްކަތާއި، ކޮމްޕެކްޓް ކުރުމާއި ލެވެލް ކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ.
122 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުޑަހުވަދޫގެ 5.85 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއެޅުމާއެކު، ފެން ހިންދާ ނިޒާމު ޤާއިމްކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، ކުރީގެ ސަރުކާރުގެ ދައުރު ނިމުނުއިރުވެސް މަޝްރޫޢުގެ މަސައްކަތް އެކަށީގެންވާ ވަރަކަށް ކުރިއަށް ގޮސްފައެއް ނުވެއެވެ.
އަދި ޅ. ހިންނަވަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، މިވަގުތު ރޯޑް 13 ގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި ނޫރާނީ މަގުގައި ދުވާރު ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އާރްޑީސީން ފާހަގަކުރި ގޮތުގައި، މި ދެ ރަށުގެ އިތުރުން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށެވެ.

