ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ މަޝްހޫރު ޓިކްޓޮކް ތަރިއެއް ކަމަށްވާ ސަނާ ޔޫސުފްގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ފޮލޯވަރުން ތިބި މި ޓިކްޓޮކް ތަރި މަރާލާފައިވަނީ އޭނާގެ އާއިލާގެ މީހެކެވެ.
އިސްލާމްއާބާދު ފުލުހުންގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި، ސަނާގެ މަންމަގެ ޝަކުވާއަކާ ގުޅިގެން މި މައްސަލައިގެ ތަހުގީގު ވަނީ ފަށައިފައެވެ. ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ހޯމަ ދުވަހުގެ ހަވީރު 5 ޖަހާއިރު ސަނާގެ ގެއަށް ވަދެ، އޭނާގެ މޭމައްޗަށް ދެފަހަރު މަތިން ބަޑި ޖަހާފައިވެއެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ލިބުނު ޒަހަމްތަކުގެ ސަބަބުން ފަރުވާދެމުން ދަނިކޮށް ސަނާ ވަނީ މަރުވެފައެވެ.

ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ މަޝްހޫރު ޓިކްޓޮކް ތަރި؛ސަނާ ޔޫސުފް
މި މައްސަލައިގައި 22 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ޕާކިސްތާނުގެ މީޑިއާތަކުން ހާމަކުރި ގޮތުގައި މި ފިރިހެން މީހާ ވަނީ ސަނާގެ ގޭ ބޭރުގައި ހުރެ އޭނާއާ ވާހަކަދައްކާފައެވެ. އޭގެ ފަހުން ގެއަށް ވަދެ ސަނާ މަރާލިއެވެ.
މިދިޔަ ހަފްތާގައި 17 އަހަރު ފުރުނު ސަނާއަކީ ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ޗިޓްރަލްގައި އުފަން ސޯޝަލް އެކްޓިވިސްޓެއްގެ ދަރިއެކެވެ. ސަނާ ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންގެ ހައްގުތަކާއި، ސަގާފީ ތަރިކައާއި، ތައުލީމާ ގުޅޭ މައްސަލަތަކަށް އަޑުއުފުލާފައެވެ.
މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގައި އަންހެނުންގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިފައިވެއެވެ. ހާއްސަކޮށް ކޮންޓެންޓް ކުރިއޭޓަރުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކުރެވެމުންދެއެވެ.

