ރ. އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ.
މި މަޝްރޫޢުގެ ދަސުން 8,626.55 އަކަ މީޓަރުގެ ތާރު އަޅާ ތަރައްޤީކޮށްފައިވާއިރު، 2,537.75 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން ސަރވިސް ލައިން ހަރުކޮށްފައިވާކަމަށް އެކުންފުނިން އެމްޓީސީސީން ވަނީ ބުނެފައެވެ.
އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، ހޫނުގަދަ މޫސުމުގައި މަގުތައް ހިރަފުސްވުމުންނާއި، ވިއްސާރަ ދުވަސްވަރު މަގުތައް ޗަކަވެ މަގުތަކުގައި ކިސަޑު ހެދުން ނިމުމަކަށް އަންނާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ރ. އުނގޫފާރަކީ އާބާދީގައި 2500އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. އެރަށުގެ ގިނަބަޔަކު ވަޒީފަ އަދާކުރަނީ ސަރުކާރު އޮފީސްތަކާއި ކުންފުނި ތަކުގައެވެ.

