މި އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ތިން ރަށަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ދިއުމަށް ހަމަޖެހިފައިވާ ޓީމުތައް މިއަދު ފުރައިފިއެވެ.
މި ޓީމާއެކު ދަތުރުގައި ދައުލަތުގެ މީޑިއާގެ ޓީމެއްވެސް ބައިވެރިވިއެވެ.
އެ ވުޒާރާގެ ޓީމްތަކުން މި ތިން ރަށުގައިވެސް މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ވެފައިވާ އެންމެ ފަހުގެ ތައްޔާރީތައް ބަލައި ސަރުކާރުން ކަނޑައަޅުއްވާފައިވާ މިންގަޑުތަކަށް ފެތޭތޯ ބައްލަވާނެއެވެ. އަދި ދައުލަތުގެ މީޑިއާ ޓީމުން މި އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް އެ ޗެނަލްތަކުން ދެއްކުމަށް ޓަކައި ޢީދު ހަރަކާތްތައް ރޭވިފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް ކަވަރޭޖުތައް ދުރާގާތުން ގެނެސްދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
މި އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރެއްގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެ އަތޮޅު ގުރައިދޫ އަދި ހައްދުއްމަތީ ގަމުގައެވެ.
މިއަހަރުގެ އަޟްޚާޢީދު ފާހަގަކުރާ ތިން ރަށުގެ ހަރަކާތްތައް ވެސް ދައުލަތުގެ މީޑިއާއިން ވަގުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

