ސުވާލު: އަންހެނުން އިސްތަށިގަނޑު ކޮށުމަކީ ކޮންކަހަލަ ކަމެއް؟
ޖަވާބު: އަންހެނާގެ ބޮލުގެ އިސްތަށިގަނޑު ކޮށުމަކީ ހުއްދަ ކަމެކެވެ. އެހެންނަމަވެސް ބޯކޮށުމުގައި ޝަރުތު ތަކެއް ވެއެވެ.
-
ބޯނުބޭލުން: ބޯ ބޭލުން ހުއްދަވަނީ ހާޖަތަކަށްޓަކައެވެ. މިސާލަކަށް ބައްޔެއްގެ ސަބަބުން.
-
ފިރިހެނެއްގެ ސިފަ ޖެހޭގޮތަށް ނުކޮށުން: ފިރިހެނުންނާއި ތަޝައްބުހު (އެއްގޮތް) ވުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއްނޫނެވެ.
ރަސޫލުﷲ ﷺ ޙަދީޘް ކުރައްވަނީ: لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمُتَشَبِّهِينَ مِنْ الرِّجَالِ بِالنِّسَاءِ وَالْمُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ. “ رواه البخاري
މާނައީ: ”އަންހެނުންނާއި ވައްތަރުވާން އުޅޭ ފިރިހެނުންނަށާއި ފިރިހެނުންނާއި ވައްތަރުވާން އުޅޭ އަންހެނުންނަށް ރަސޫލުﷲ ﷺ ލަޢުނަތް ލެއްވިއެވެ“ މިގޮތުން ކަންފަތުގެ ފޫޅަށްވުރެ ކުރުކުރުން ހުއްދަވެގެން ނުވެއެވެ. އެއަށްވުރެ ކުރުކޮށްފިނަމަ ފިރިހެނަކާއި އެއްގޮތްކަން ބޮޑެވެ.
-
ކާފަރު އަންހެނެއްގެ ސިފަ ޖެހޭގޮތަށް ނުކޮށުން: އެބައިމީހުންނާ ތަޝައްބުހު (އެއްގޮތް) ވުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. މިގޮތުން ވަކި މީހެއްގެ ސްޓައިލަށް ކޮށުން ހުއްދަނުވާނެއެވެ.
ރަސޫލުﷲ ﷺ ޙަދީޘް ކުރައްވަނީ: من تشبه بقوم فهو منهم
މާނައީ: ”ބަޔަކާ އެއްގޮތް ވެއްޖެނަމަ އޭނާވަނީ އެބައިމީހުންގެ ތެރެއިންނެވެ“
-
ބޯކޮށަން ހުންނަނީ އަންހެނެއް ކަމުގައިވުން.
-
މީހަކާ އިނދެގެން އުޅޭނަމަ ފިރިމީހާގެ ހުއްދަ ހޯދުން.
-
މިޒަމާނުގައި ސެލޫންތަކަށް ދާނަމަ އެތަންތަނަކީ ރައްކާތެރި ތަންތަނަށް ވާންޖެހެއެވެ. އެގޮތުން ބޯކޮށަން ތިބޭ މީހުންނަކީ އަންހެނުންނަށް ވެފައި ތިމާގެ ބޯކޮށާ ވަގުތު ހިލޭ ފިރިހެނުންނަށް ވަދެވޭ ތަނަކަށް ވެގެން ނުވާނެއެވެ. އަދި އެތަންތާ ބޯކޮށަން ތިބޭ އަންހެނުންނަކީ ނިވާކަން ކުޑާ ހެދުން ލައިގެން ބޯކޮށަން ތިބޭ ބައެއް ކަމުގައި ވެގެން ނުވާނެއެވެ. އެއީ އެކަމުގައި އެމީހުންނަށް އެހީ ފޯރުވައި ދެވޭތީއެވެ. ﷲ އަށް އުރެދުމެއްގައި އެކަކު އަނެކަކަށް އެހީތެރިވުމެއް ނޯވެއެވެ.
މާތް ﷲ ވަޙީ ކުރައްވަނީ: وتعاونوا على البر والتقوى ولا تعاونوا على الإثم والعدوان
މާނައީ: ”ހެޔޮކަންތައްތަކާއި ތަޤުވާވެރި ވުމަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވާށެވެ. އަދި ނުބައިކަންތައްތަކާއި އަދާވާތްތެރި ވުމުގެ މައްޗަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރި ނުވާށެވެ“
والله أعلم

