ޢަރަފާތު ދުވަހުގެ އަޅުކަމުގައި އަވަދިނެތި އުޅޭއިރު ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ހެޔޮ ދުޢާކުރުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ އަރަފާތު ބިމުގައި ހުންނަވައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވި ގޮތުގައި ޢަރަފާތް ދުވަހަކީ އިސްލާމީ އުންމަތުގެ މަތިވެރިކަމާއި، އުފާވެރިކަމާއި، އަދި އެކަކު އަނެކަކާ އޮންނަ ގުޅުން ރަމްޒުކޮށްދޭ މާތް ދުވަހެކެވެ.
“އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިތަނުން އައިސްސަ މިތިބީ. މި ހުރިހާ ކަންކަމަކުންވެސް މި ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އަޚުވަތްތެރިކަމާއި، އޯގާވަންތަވެރިކަމާއި، ރޫޙާނިއްޔަތުކަމާއި، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން، ގުޅުން ރަމްޒުކޮށްދޭ ވަރަށް މަތިވެރިކަމެއް އަރަފާތް ދުވަހުގެ އަޅުކަމަކީ،” ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ޢަރަފާތް ދުވަސް އަންނަނީ އިސްލާމީ އުންމަތަށް ވަރަށް ހިތާމަވެރި ދުވަސްވަރެއްގައި ކަމަށް ފާހަގަކުރައްވައި، “ވަކިން ޚާއްޞަކޮށް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމާއި ބަނޑުހައި ހޫނުކަމާއި، މި ކަންކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް އަރަފާތް ދުވަސް ބައްދަލުކުރާއިރުގަ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރުމަކީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް” ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ޙައްޖު މޫސުމަށް ސަޢޫދީ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް ޙައްޖުވެރިންގެ ރައްކާތެރިކަމާއި ސިއްޙަތާ ގުޅޭ ކަންކަން ފުރިހަމައަށް އިންތިޒާމްކުރައްވާތީ، ވަޒީރު ވަނީ ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޓީމުތަކުން ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ކުރަމުންދާ މަސައްކަތްތަކަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.

