މިއަހަރުގެ ޙައްޖު ދުވަހާއި އަޟްޙާ ޢީދުގެ ޚާއްޞަ މުނާސަބަތާ ގުޅިގެން ކުންފުނީގެ ކަސްޓަމަރ ސަރވިސް ފްރޮންޓް އޮފީސް ވަގުތީގޮތުން ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ހާމަކުރެއްވި ގޮތުގައި، މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރ ސަރވިސް ފްރޮންޓް އޮފީސް ބަންދުވެފައި ހުންނާނެއެވެ. ނަމަވެސް، މި މުއްދަތުގައިވެސް ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެން ހުންނާނެކަމަށް އެ ކުންފުނިން ވަނީ އަންގަވާފައެވެ.
ސްޓެލްކޯގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ދިމާވެއްޖެނަމަ، ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 1545 އަށް ގުޅުއްވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ޢީދު ބަންދާ ގުޅިގެން ސަރުކާރުގެ ގިނަ އިދާރާތަކުގެ ޚިދުމަތްތައް މެދުކެނޑިފައިވީ ނަމަވެސް، އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރުން ފަދަ މުހިންމު ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަން ފާހަގަކުރެވެއެވެ. މިގޮތުން ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތައް ޢީދު ދުވަސްތަކުގައިވެސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ އިސްކަންދީފައެވެ.

