މާފުށީ ޖަލުގައި ހުރި ގައިދީއަކު ނިޔާވި މައްސަލަ ބެލުމުގެ މަސައްކަތް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފަށައިފިއެވެ. މި މައްސަލައިގައި ނިޔާވެފައިވަނީ ނ. މާފަރު، ހިތްފަސޭހަގެ، މޫސާ ހަސަން (45 އަހަރު) އެވެ.
އެންއައިސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި މޫސާއަށް މިދިޔަ އޭޕްރީލް 28 ވަނަ ދުވަހު އެމަޖެންސީ ހާލަތެއް މެދުވެރިވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދެވުނެވެ. އަދި އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ޖޫން 4 ވަނަ ދުވަހުގެ ރޭ 23:45 ގައި އޭނާ ނިޔާވެފައިވެއެވެ.
ކަރެކްޝަނަލް ސާވިސްއިން ހާމަކުރެއްވި ގޮތުގައި މޫސާ ނިޔާވެފައިވަނީ ހިތް ހުއްޓިގެންނެވެ. އަދި އޭނާ ނިޔާވުމާ ގުޅިގެން ވަގުތުން އެކަން ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ވެސް ކަރެކްޝަންސްއިން ބުނެފައިވެއެވެ.
މި މައްސަލައިގައި އެންއައިސީގެ ކުއްލި ހާލަތުގައި އިޖާބަދޭ ޓީމުން މިހާރު ދަނީ ތަހުގީގީ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މި މައްސަލައިގައި މޫސާ ނިޔާވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އޭނާގެ އާއިލާއަށާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ވެސް މައުލޫމާތު ދީފައިވާކަން ފާހަގަކުރެވެއެވެ.

