ރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ގޮސްފައިވާ 1000 ހައްޖުވެރިން މުޒްދަލިފާއަށް ދިޔުމަށް ތައްޔާރުވެ، ދަތުރު ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މާތްﷲގެ ރަހުމަތްފުޅުން ދިވެހި އެންމެހައި ހައްޖުވެރިންގެ ހާލު ރަނގަޅެވެ.
އަރަފާތުގައި ތިބުން ފުރިހަމަކޮށް، ހައްޖުވެރިން މިހާރު ވަނީ މުޒްދަލިފާއަށް ދިޔުމަށް ތައްޔާރުވެފައެވެ. ހައްޖު މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ. ހައްޖަކީ އަރަފާތޭ ބުުނެވޭ ސަބަބަކީ މިއީއެވެ،
ހައްޖުވެރިންގެ ދަތުރުގެ ދެން އޮތް މަރުހަލާގައި، އަރަފާތަށް ދިޔުމަށްފަހު މުޒްދަލިފާގައި ރޭކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެފަހުން ބޮޑުޖަމްރާއަށް ހިލައުކުމާއި ހަދްޔު ކަތިލުން ކުރިއަށް ގެންދާނެއެވެ.
މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމުގެ އިތުރުން ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާ ދެމެދު ސައުޔުކުރުން ހިމެނެއެވެ. އެންމެ ފަހު މަރުހަލާގެ ގޮތުގައި ވަދާއުގެ ތަވާފު ކުރުމަށްފަހު ހައްޖުގެ އަޅުކަން ފުރިހަމަވާނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިއަހަރުގެ ހައްޖު މޫސުމުގައި ދިވެހި ހުރިހާ ހައްޖުވެރިންވެސް ސައުދި އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކަމެވެ.

