ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ފްރާންސަށް ފުރާވަޑައިގެންފިއެވެ.
ފްރާންސްގެ ނީސް ސިޓީގައި މި މަހުގެ 9 އިން 13 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝިޔާމް ވާހަކަފުޅު ދައްކަވާނެއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމާއި، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކުން ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އެކަމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާނެކަމަށް ވަނީ ހާމަކުރައްވާފައެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނާ ގޮތުގައި، މި ކޮންފަރެންސްގައި ރާއްޖެއިން އެންމެ އިސްކަމެއް ދޭނީ ކަނޑުގެ ނާޒުކު ވެށި ރައްކާތެރިކުރުމާއެކު ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާ ޤައުމުތަކުގެ މަސައްކަތްތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމުގެ މުހިންމުކަމަށެވެ. މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް ކަނޑައެޅޭ ބައިނަލްއަޤްވާމީ ފަންޑުތައް އިތުރުކުރުމަށާއި، މިފަދަ ފަންޑުތަކުން އެހީ ދިނުމުގައި ތިމާވެށި ރައްކާތެރިކުރާ ޤައުމުތަކަށް ޚާއްސަ އިމްތިޔާޒުތަކެއް ދިނުމަށްވެސް ވަކާލާތުކުރައްވާނެއެވެ.
ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ ދުނިޔޭގައިވެސް އެންމެ ތިމާވެށްޓާ ރައްޓެހި މަސްވެރިކަމުގެ ގޮތުގައި ފާހަގަކުރެވޭއިރު، މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގައި ރާއްޖެއަކީ އެންމެ މަތީ ޓެރިފް ދައްކަންޖެހޭ އެއް ޤައުމެވެ. މި ކޮންފަރެންސްގައި މި މައްސަލައަށް އަލިއަޅުވާލައްވައި، ދެމެހެއްޓެނިވި މަސްވެރިކަމަށް ހިތްވަރުދޭ ގޮތަށް ޓެރިފް ނިޒާމު ބައްޓަންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާނެއެވެ.
މި ކޮންފަރެންސްގެ ތެރޭގައި ދިވެހިރާއްޖެއިން އިސްނަގައިގެން ޚާއްސަ ސެޝަނެއް ބާއްވާ، ކުދި ފަންތީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

