މި އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެ ރަށަށް ވަޑައިގެންފިއެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެންނެވީ އިއްޔެ ހަވީރު އެވެ. ބަނދަރުމަތިން އެމަނިކުފާނަށް ރައްޔިތުންގެ މަޖްލީސްގެ މާފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސައިން ރިޟާ އާދަމް، ރަށު ކައުންސިލާއި ރަށުގެ ގިނަ ބަޔަކު ނިކުމެ މަރުހަބާ ދަންނަވާފައިވެއެވެ.
މި އަހަރު އަޟްޙާ ޢީދު ސަރުކާރުން ތިން ރަށެއްގައި ފާހަގަކުރާއިރު، މާލެ އާ އެންމެ ކައިރިން ފާހަގަކުރާ ރަށާކީ ގުރައިދުއެވެ. އެގޮތުން ގުރައިދޫގައި ވެސް ޢީދާ ގުޅިގެން ގިނަ ސަގާފީ ހަރަކާތްތަކެއް ތައްޔާރުވަމުން އަންނަ އިރު، ރޭ އެ ރަށުގައި ވެދުމާ ދިއުމާއި، ޢީދު މަޅި ލުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ގުރައިދޫ ޢީދު ފާހަގަކުރުމަށް ބާއްވާ ކުލަގަދަ ހަރަކާތްތަކުގައި ވަޒީރު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ހަރަކާތްތަކުގެ ތެރޭގައި ކޯޑި ކެނޑުމާއި، ސަގާފީ ހަރަކާތްތަކާއި ޢީދު ޝޯތަކުގެ އިތުރަށް ހަވާ އެރުވުން ވެސް ކުރިއަށްދާނެއެވެ.
މި ހަރަކާތްތައް ދައުލަތުގެ މީޑިއާއިން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

