އިއްޒަތާއި ގަދަރު ހާސިކުރެވޭނީ، ދީނުގެ އަސާސުތަކުގައި ހިފައިގެން، ބައިބައިނުވެ، އުންމަތުގެ މަސްލަހަތުތައް ހާސިލުކުރުމަށް ޓަކައި އެއްގަލަކަށް އަރައިގެން ކަމުގައި މިއަދުގެ ޢީދު ހުތުބާގައި ބުނެފިއެވެ.
“ތިޔަބައިމީހުން މާތް اللهއަށް ބިރުވެތިވެ، ތަގުވާވެރިވާށެވެ! މި އީދުން އާ ސަފުހާއެއް ހުޅުވާލައި، ތިމާގެ މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހަދާށެވެ! އެއިރުން މުސްލިމުން އިއްޒަތްތެރި ބަޔަކަށް ވާނެއެވެ..،” ހުތުބާގައި ބުންޏެވެ.
މިއީ މާތް ﷲ އެ ދުވަހަކަށް “يَوْمُ الْحَجِّ اْلأَكْبَرِ” ގެ ނަމުން ނަން ދެއްވާފައިވާ ދުވަސް ކަމަށެވެ. އެއީ ހައްޖުގެ މަނާސިކުތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް މި ދުވަހު އަދާކުރާތީ ކަމަށެވެ.
ޙައްޖުގެ އަޅުކަމުން އަހަރެމެންނަށް ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހީމް އަލައިހިސަލާމްގެ ވާހަކަތައް ކަމަށާއި، އެވާހަކަތަކުން ކެތްތެރިކަމާއި ކިޔަމަންތެރިކަން އަދާކުރުމުގެ މުހިއްމުކަން ކިތަންމެހާވެސް ރަނގަޅަކަށް އެނގިގެންދާކަމަށެވެ. މިގޮތުން އިބްރާހިމް އަލައިހިސަލާމް، އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، ޤުރުބާންކުރެއްވުމަށް މާތް الله ކުރެއްވެވި އަމުރުފުޅަށް އިޖާބަ ދެއްވި ދެއްވުމުގެ ވާހަކަ މިއަދުގެ ހުތުބާގައި ފާހަގަކުރެއްވިއެވެ.
މި އިމްތިހާނުގެ މަގުސަދަކީ އިސްމާއީލްގެފާނު ގުރުބާން ކުރެއްވުން ނޫން ކަމަށާއި މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަންނަވާ މިންވަރު ބެއްލެވުން ކަމުގަ އެވެ. ކޮންމެ ކަމަކަށް އެކަލާނގެ އަމުރުކުރެއްވި ނަމަވެސް އެކަމަކަށް ފަސްޖެހިވަޑައިގަތުމެއް ނެތި، އެ އަމުރުފުޅު ތަންފީޒު ކުރައްވާނެކަން ދެއްކެވުން ކަމުގައެވެ.
މިއަދު އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނާހާ ވާހަކަ އަޑު އިވޭކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، އަހަރެމެންގެ ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދާން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި ހަދަންޖެހޭކަމަށެވެ.
މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އިއްޒަތް ވަނީ، ﷲ އަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ.”

