އެކުވެރިކަމާއި އުޚުއްވަތްތެރިކަމަކީ، ހިތުގައި އުފެދޭ ހަމްދަރުދީއާއި ލޯބީގެ މާތް ޝުޢޫރެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ “އެކަކު އަނެކަކަށް އެހީތެރިވުން” މިއެވެ.
ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ މީހަކަށްވާތީ، މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ދީނީ ވާޖިބެއް ކަމަށް ހުތުބާ ވަނީ ބުނެފައެވެ.
މާތް ﷲ އިންސާނުން ހައްދަވައިފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި، އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށްކަމަށާއި، ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއްކަމަށާއި މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާންޖެހޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލަސީމިޔާ ކުދިންނާއި، ޔަތީމުކުދިންނާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތަން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
“އެ ކުދީންގެ މައިންބަފައިންނާއި ބެލެނިވެރީން އިންތިޒާރު ކުރަމުން ދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށް. އެއީ ތެލަސީމިޔާ ކުދީންނެވެ. ނުވަތަ ލޭއަޅަން ޖެހިފައިވާ ކުދީން. އެކުދިންނަކީ ވެސް އަހަރެމެންގެ މުޖުތަމަޢުގެ އެއްބައެއް. އެ ކުދީން ވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވޭ،” ހުތުބާގައި ބުނެފައުވެއެވެ.
އިސްލާމީ މުޖުތަމަޢުގެ އަފުރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބައެއްކަމުގައިކަމަށާއި މި ކަމަކީ، އިންސާނިއްޔަތުކަމުގެ އިތުރުން، މުސްލިމުންގެ އީމާންކަމާ ވެސް ގުޅިފައިވާކަމެއްކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެެވެ.

