ޖެނީވާގައި ބޭއްވި 113 ވަނަ ބައިނަލްއަގުވާމީ ލޭބާ ކޮންފަރެންސްގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އޮބްޒާވާ ޤައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް ވަނީ ފާސްކޮށްފައެވެ. މި ނިންމުމަކީ ފަލަސްތީނަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެކެވެ.
މި ނިންމުމާއެކު، ފަލަސްތީނަށް އައިއެލްއޯގައި އިތުރު ހައްގުތަކެއް ލިބި، ފަލަސްތީނުގެ ދަރަޖަ ގައުމީ މިނިވަންކަމުގެ ހަރަކާތުން މެމްބަރު ނޫން އޮބްޒާވާ ގައުމަށް ވަނީ މަތިކޮށްފައެވެ. މީގެ ތެރޭގައި ހުރިހާ އެޖެންޑާ އައިޓަމްތަކެއްގެ ދަށުން ބަޔާން ދިނުމާއި، ހުށަހެޅުންތައް ހުށަހެޅުމާއި، އަދި ހުރިހާ ބައްދަލުވުންތަކެއްގައި ތިން ފަރާތުގެ ވަފުދުތަކާއެކު ބައިވެރިވުން ހިމެނެއެވެ.
މި ނިންމުމަށް ޖުމްލަ 386 ވޯޓު ފަލަސްތީނާ އެއްކޮޅަށް ލިބިފައިވާއިރު، ދެކޮޅަށް ލިބިފައިވަނީ އެންމެ 15 ވޯޓެވެ. އަރަބި ގައުމުތަކާއި، އިސްލާމިކް ކޯޕަރޭޝަން އޯގަނައިޒޭޝަނުގެ އިތުރުން ރާއްޖެއިން އަދި ފްރާންސް، ޗައިނާ، ސްޕެއިން، ސުވިޒަލޭންޑް ފަދަ ޤައުމުތަކުން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ތާއީދުކޮށްފައެވެ.
ފަލަސްތީނުގެ ސަފީރު އިބްރާހިމް ޚުރައިޝީ ވިދާޅުވި ގޮތުގައި “މިއީ ފަލަސްތީނު ރައްޔިތުންގެ ގާނޫނީ، ގައުމީ އަދި ސިޔާސީ ނިޒާމުގެ ތެރެއިން އިންސާފާއި، މިނިވަންކަމާއި އަދި އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގު ހޯދުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.”
މި ކޮންފަރެންސްގައި ދިވެހިރާއްޖެއިން ވެސް ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ ފަރާތުން މި ކޮންފަރެންސްގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަތީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދެވެ. ވަޒީރު ވަނީ ފަލަސްތީނުގެ ވަފުދާ ބައްދަލުކުރައްވައި، ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

