ދާދި ފަހުން ކަނޑުމަގުން ރާއްޖެއަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރެވުނު ބިދޭސީ 10 މީހުންގެ ތެރެއިން އިންޑޮނީޝިއާއަށް ނިސްބަތްވާ ދެ މީހަކު ދޫކޮށްލައިފިއެވެ. މި ދެ މީހުން ދޫކޮށްލީ މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުންނެވެ.
ދޫކޮށްލެވުނު ދެ މީހުންނަކީ 25 އަހަރުގެ އެޑްރިއަންސްޔާ އާއި 30 އަހަރުގެ މުޙައްމަދު އިކްބަލް މަކްމުރެވެ. މި ދެ މީހުން ހައްޔަރުކުރެވިފައިވަނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައެވެ.
މުޙައްމަދު އިކްބަލް މަކްމުރުއަކީ މަސްތުވާތަކެތި ފެނުނު ބޯޓުގެ ޗީފް އޮފިސަރެވެ. އޭނާ ދޫކޮށްލެވުނީ ފެނުނު މަސްތުވާތަކެއްޗާއެއްޗާއި އޭނާއާ ސީދާ ގުޅުވާލެވޭ ހެއްކެއް ފުލުހުންނަށް ހުށަހަޅައިދެވިފައިނުވާތީއެވެ. އެޑްރިއަންސްޔާއަކީ އެ ބޯޓުގެ އިންޖިނިއަރެވެ. އޭނާ ވެސް ދޫކޮށްލެވުނީ މައްސަލައާ ގުޅުވައިދެވޭވަރުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައިނުވާތީއެވެ.
ފުލުހުން ބުނާ ގޮތުގައި މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗާ، އެ މީހުންނާ ސީދާ ގުޅުވާލެވޭ ހެއްކެއް ނެތެވެ. އަދި ފިންގަޕްރިންޓެއް ނުވަތަ ޑީއެންއޭއެއް ކަހަލަ އެއްޗެއް ވެސް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް، މަސްތުވާތަކެތި ފެނުނީ ބޯޓު ތެރޭގައި ހުރި އިންޖީނު ރޫމުގެ ތެރޭގައި ހުރި ވަތެއްގެ ތެރެއިން ކަމަށާއި އިންޖީނު ރޫމަކީ އެހެން މީހުންނަށް ވެސް ވަދެ ނިކުމެވޭހެން ހުރިތަނެއް ކަން އިންވެސްޓިގޭޓިންގ އޮފިސަރު ޝަރީއަތުގައި ފާހަގަކޮށްފައިވެއެވެ. އަދި ސީސީޓީވީ ފުޓޭޖު އަޅުވާފައި ހުންނާތީ އިންޖީނު ރޫމަށް ވަދެ ނިކުމެ އުޅޭ މަންޒަރު ފެންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އިންވެސްޓިގޭޓިންގ އޮފިސަރު ބުނެފައިވެއެވެ.
މި މައްސަލައިގައި އިތުރު 8 މީހަކު އަދިވެސް ހައްޔަރުގައި ތިބިކަން ފާހަގަކުރެވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށެވެ.

