ށ. ފުނަދޫ އެއާޕޯޓުގައި ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން މިއަދު އެ އެއާޕޯޓް ބަންދުކޮށްފ vg އެވެ. މިކަމާ ގުޅިގެން މޯލްޑިވިއަން އިން މިއަދު އެ އެއާޕޯޓަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްތައް އޮޕަރޭޓް ނުކުރެވޭނެ ކަމަށް އެ އެއާލައިނުން ވަނީ އިއުލާނު ކޮށްފައެވެ.
މޯލްޑިވިއަން އިން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ސަބަބުން ދަތުރުތަކަށް އަސަރުކުރާ ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ފަސިންޖަރުންނާ މުއާމަލާތްކުރާނެ ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.
މޯލްޑިވިއަން އިން ފުނަދޫއަށް ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓްކުރަނީ ހަފްތާއަކު ތިން ދުވަހުއެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ.
2020 ވަނަ އަހަރު ހުޅުވުނު ފުނަދޫ އެއާޕޯޓަކީ ރީޖަނަލް އެއާޕޯޓްސް އިން ހިންގާ އެއާޕޯޓެކެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެއެވެ. އަދި ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، 150 މީޓަރުގެ ދިގުމިނާއި 50 މީޓަރުގެ ފުޅާމިން ހުރި އޭޕްރަނެއް އެ އެއާޕޯޓުގައި ހިމެނެއެވެ.
އެއާޕޯޓުގައި ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކީ ކޮބައިކަން އަދި އެ މައްސަލަ ޙައްލުކުރެވޭނެ ވަގުތެއް މި ވަގުތާ ހަމައަށް ހާމަކޮށްފައެއް ނުވެއެވެ.

