އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
އެޗްޕީއޭ އިން މިއަދު ހާމަކުރި ގޮތުގައި، މި ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާބެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ރާއްޖޭގައި މިހާތަނަށް ފެނިފައިވާ މަދު ކޭސްތަކަކީ އާންމު ގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިގެން އައިސްފައިވާ ފަރާތްތަކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހި ނެގުމާއި، ބޮލުގައި ރިއްސުން ހިމެނެއެވެ. އަދި ބަލި ބޮޑުވެއްޖެނަމަ ސިކުނޑިއަށް އަސަރުކޮށް މެނިންޖައިޓިސް ޖެހުމާއި، މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރި ސެޕްސިސް ޖެހުމުގެ ފުރުސަތު އޮވެއެވެ.
މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހަކާ ގާތުން އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލި ޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތެއްގައެވެ.
އެޗްޕީއޭއިން ވަނީ އާންމު ރައްޔިތުންނަށް މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ދީ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ސިއްޙީ ފަރުވާ ހޯދުމަށް އިރުޝާދު ދީފައެވެ.

